Monday, May 24, 2010

މަދު މީސްކޮޅެއް އުޅެމުންދާ މިކުޑަކުޑަ ރަށް މިއޮތީ ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުން ބައިބައިވެފައި

ރަށުގެ ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ ހިފި ވާދަވެރި ހިފުން ގަދަ ހިފުމަކަށްގޮސް އެންމެފަހުން ކޮންމެވެސް އެއްބަޔަކު މިވަނީ ކާމިޔާބު ކޮށްފައެވެ. އެހެންކަމަށްވާއިރު ކުރިންއޮތްޒާތީ ހަސަދަތަކުން ތިމާގެ ނަފްސު ޠާހިރުކޮށް ރަށުގެ ކުރިމަގާއިގެން ފަށާފައިވާ ދަތުރު މަޑުޖެހުމަކަށް އަޅުގަޑުމެން އެދިގެން ނުވާނެވެ. ނަމަވެސް މިފަދަ ވަގުތުތަކެއް އައިސްދާނެކަމަށް ބެލެވެމުންދާ ފަހަރު މިހާރު ވަރަށް ގިނައެވެ. އާއްމުންގެ ވިސްނުން މިއަދު ބަދަލުވެފައިވާއިރު ޚިޔާލާއި ފިކުރު މިއަދު ބަދަލުކުރަން މަޖްބޫރުވެއްޖެވެ. އެހެންކަމަށްވާއިރު އެވިސްނުން ބަދަލުކުރަން ޖެހެނީ ބަދަލުހިފުމުގެ ރޫހުގައި ދޮގުހަދައިގެން އެކަކު އަނެކަކުގެ ހިތުގައި ފިތުނައަށް މަގުހުޅުވައިގެނެއް ނޫނެވެ. މިނިވަންކަމަކީ ތިމާ ހިތަށް އެރިގޮތަކަށް އުޅެ ހިތަށް އެރިހާއެއްޗެއް ދުލުން ބޭރުކުރުމެއް ނޫނެވެ. މިގޮތަށް މިނިވަންކަމުގެ ބޭނުން ހިފާމީހާއަށް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ދެއްވާފައިވާ ނަމަކީ ހަވާނަފްސަށް ތަބާވާ މީހާގެ ނަމެވެ. އަދި ހަވާ ނަފްސަށް ތަބާވާ މީހާއަށްވުރެ ފުރެދުންތެރިކަންބޮޑު އެއްވެސް މީހަކު ނުވާނެކަމަށް ކީރިތިގުރުއާނުގައި އަންގަވާފައިވެއެވެ.

މިއަދު އަޅުގަޑުމެގެތެރޭގައި ތިމާމެންނަކީ ރަށުގެ “ދާދާއިން” ކަމަށް ހެދިގެން މީހުންގެ އަބުރާއިބެހުމާއި މީހުންނަށް ހުތުރުއެއްޗެހި ގޮވައި މީހުންގެ ގަދަރާއި ކަރާމާތް ގެއްލުވާލަން މަސައްކަތްކުރާބަޔަކު އެބަ އުޅެއެވެ. މިހުރިހާކަމެއް އެބަޔަކު ކުރަމުންދަނީ ލިބިފައިވާ މިނިވަންކަމާއި ލިބިފައިވާ ތަނަވަސްކަމުގެ ނާޖާއިޒް ބޭނުން ހިފައިގެންނެވެ. އަދި މިހުރިހާކަމެއް ކުރަނީ ރަށުގެ ކަންތައް އިސްލާހުކުރުމުގެ ނަމުގައި އަޅުގަޑުމެންގެ ތެރޭގައިވާ ނުވިސްނޭ އަދި އަމިއްލަ އެދުމުން ފުރިގެންވާ މީހުން ބޭނުންކޮށްގެންނެވެ. އެހެން ނަމަވެސް މިފަދަގޮތަކަށް ކަންތައްތައް ކުރުމަކީ އެއްވެސް އިންސާނަކު ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ.

މަކަރާއި ހީލަތްހެދުމާއި ދޮގުވާހަކަތައް ފަތުރައި ދޭތެރެ ޖެއްސުމަކީ މުޖުތަމައު ފަސާދަވެގެންދާނެ ކަމަށްކަށްވާއިރު، މިފަދަ ކަންތައްތަކަކީ ތިމާގެ އަގު އެހެންމީހުންގެ ކުރިމަތީގައި އަރައިގެންދާނެ ކަމެއްކަމަށް ބަލައިގެން ވަކިމީހެއްގެ އަގުވައްޓާލަން ކުރާ މަސައްކަތުން ތިމާމެންގެ ނަފްސުން ޠާހިރުކުރަން އެބަޖެހެއެވެ. އަދި އެފަދަ ކަންތައްތަކުން ދުރުވެ އެސުންޕާ އާދަ ހަރުލާފައިނުވާ ސާފު މުޖުތަމައަކަށް މި މުޖުތަމައުހެދުމަށް މިއަދު އަތުކުރިއޮޅާލަން ވެއްޖެވެ. ރަށުގެ ހުރިހާ އެންމެން އެއްގަލަކަށް އަރަންވެއެޖެއެވެ. ރަގަޅު ހަރުދަނާ ވެއްޓެއް ގާއިމު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާ އަކަށް ވާއިރު މިކަން ކުރަން ވަގުތު ކުޑަތަން ވެއްޖެއެވެ. އެއްބަޔަކު ރަށުގައި ކަމެއްކުރަން ނިކުންނަން އުޅޭއިރަށް އަނެއްބަޔަކު އެކަމަށް ނޫނެކޭ ބުނުމުގެ އާދަ ދޫކޮށްލަންވެއްޖެއެވެ. ރަށުގައި އެކުވެރި މާހައުލެއް އުފައްދަންވެއްޖެއެވެ. ސިޔާސީ ބޭނުމުގައި ދޮގުހެދުން ހުއްޓާލަން ވެއްޖެއެވެ. އަނެކާ ނެތްތަނެއްގައި އެމީހާގެ ވާހަކަ ދެއްކުން ނިމުމަކަށް ގެންނަން ވެއްޖެއެވެ.

މިއަދު މިނިވަންކަމުގެ ނަމުގައި ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ދައްކައިގެން ބައެއްގެ ލޮލުގައި އަދުންތަކެއް އަޅުވައި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިކަން އުފެއްދި ދާނެއެވެ. އެހެންނަމަވެސް ހަދާން ބަހައްޓަންޖެހޭ ކަމަކީ ކުރާ ނުބައި އަމަލުތަކާއިމެދު މާތްﷲ ޣާފިލުވެ ވޮޑިގެން ނުވާކަމެވެ. މާތްﷲ މިދުނިޔެއަށް އިންސާނުން ފޮނުވާފައިވަނީ އެކަލާންގެ ޚަލީފާއިންގެގޮތުގައެވެ. އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ އުޅުމަށެވެ. އެހެންކަމުން އެފަދަކަމަކަށް ހުރަސްއެޅޭ ކޮންމެ ކަމަކުން ތިމާ ދުރުވާންޖެހެއެވެ. ނަމަވެސް މިއަދު މިމުޖުތަމައުގައި މިވަނީ ބަދަލު ހިފުމުގެ ރޫހު އާލާވެފައެވެ. ސިޔާސީ ބޭނުންތަކަށާއި އެހެނިހެންވެސް މާއްދީ ބޭނުންތަކަށް ނެތިމޮށުމާއި އެކަކުއަނެކަކަށް މަލާމާތުގެ ބަސްތައް ރައްދުކުރުމުގެ އިތުރުން އެއްވެސް ހަގީގަތެއްނުވާ ވާހަކަތަކުން މިމުޖުތަމައުގައި ފިތުނަފަސާދަ އުފައްދަން މަދުބަޔަކު ނަމަވެސް ކުރަމުންދާ މަސައްކަތް ވެގެންދަނީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ބޮޑު “ޖަރީމާ” އަކަށެވެ

No comments:

Post a Comment