Monday, May 31, 2010

Thursday, May 27, 2010

ތަޢުލީމީ ދޮރުތައް ބަންދުވިޔަ ނުދޭށެވެ. ޢިލްމީ ގޮތުން ރަށަށް ކުރިއެރުންތައް ހޯދުމަށްޓަކައި ރައްޔިތުންގެ ދައުރު ފުޅާކުރަމާ


ޢިލްމު އުނގެނުމަކީ، އިސްލާމްދީން ބާރުއަޅާ ކަމެކެވެ. ކިޔަވާ ކުދިންނަށް ކިޔެވުމުގެ މަގުފަހިކޮށް ދިނުމަކީ، ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީން ކަނޑައެޅިގެން ބަޔާންވެ އައިސްފައިވާ ކަމެކެވެ.


އިލްމީ ދާއިރާ ދުވަހެއް ދުވަހަކަށް ފުޅާވެ ތަނަވަސް ވަމުން އެބަދެއެވެ. ކިޔެވުމާ، ކިޔަވާ ދިނުމާ، އުނގެނުމާ، އަދި އުނގަންނާ ދިނުމުގެ އައު ގޮތަތައް މިދަނީ ތަޢާރަފުވަމުންނެވެ. އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ޢިލްމީ ގޮތުން ރަށުފެންވަރުގައި ރަށަށް ކުރިއެރުން ހޯދުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ ދައުރު ފުޅާކުރަންޖެއެވެ. ސަރުކާރުން ކޮށްދޭނެކަމަށް ބަލައިގެން ސަރުކާރަށް ބަރޯސާވެގެން އަޅުގަނޑުމެން ރައްޔިތުން އެއްވެސް މަސައްކަތެއް ނުކޮށް ތިބޭތިބުން ނިމުމަކަށްގެންނަންވެއްޖެއެވެ. އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރެވޭނީ ހަމަ އަޅުގަނޑުމެންނަށެވެ.


އެނިގިވަޑައިގަންނަވާނޭފަދައިން ދިވެހިންގެ ތެރޭގައިވެސް ހަމައެކަނި، ހ، ށ ދަސްކޮށްލައިގެން، ވޮށުފިލާ ހިފައިގެން ކިޔަވާގެއަށް ގޮސް އަލިފު، ބާ އަޅާ ދަސްކޮށް، ފަރުޖެހުނު ޒަމާނެއްވެސް ދިޔައެވެ. ތަޢުލީމު ދިޔާނާގެ އެއްވަނަ ބަޔާ، ދެވަނަބާ އަދި ތިންވަނަ ބައި ދަސްކޮށްގެން ރަށުގެ ކަތީބުކަމަށް އެރުނު ދުވަސްވަރެއްވެސް މާޒީއާއި އެކުވެ ހިނގައްޖެއެވެ. ދުރޫސުލް އަޚްލާޤުގެ ތިންފޮތް ދަސްކޮށްގެން ރަށު މިސްކިތުގެ މުދިމްކަން ކުރެވުނު ދުވަސް ހަނދާންވާ އެތައްބަޔަކު ރާއްޖޭގައި އަދިވެސް އެބައުޅެއެވެ. ބުނަންބޭނުންވާ ވާހަކަ ނުބުނެ ލަސްވަމުންދާތީވެ، ފޫހިވާގޮތް ވެދާނެއެވެ.


މަޢާފުކުރާށެވެ. ކުއްލިއަކަށް ބުނެފިނަމަ ޤަބޫލުކުރަން ދަތިވެދާނެއެވެ. އަލްމަރުޙޫމް މުޙައްމަދު އަމީން ވެރިކަމުގެ ދުވަސްވަރުންފެށިގެން، ރާއްޖޭގެ ތަޢުލީމީ ބިންގާ ތެދަށްއެޅި، އެބިންގަލުގެމަތީގައި ބިނާކުރެވެމުންދިޔަ ފާރު، އަލްމަރުޙޫމް ނާސިރުގެ ވެރިކަމުގެ ދައުރުގައި ޖީސީއީ އޯލެވެލް ފެންވަރަށް އާރާސްތުކުރެވުނެވެ. އެއަށްފަހު އަލްއުސްތާދު މަޢުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި އެފާރު އިތުރަށް ބިނާކޮށް އަރާސްތުކުރެވި، 30 އަހަރުގެ ދިގުމުއްދަތުގައިވަނީ، ޖީސީއީ އޭލެވެލް ފެންވަރަށް މަތިކޮށް، ރާއްޖެތެރެއަށް ޖީސީއީ އޯލެވެލް ފުޅާކޮށް، ކޮލެޖު ތަޢުލީމް މާލެއާއި އަތޮޅުތެރޭގައި ދެވެންފެށި، ގިނަރަށްރަށުގައި ޖީސީއީ އޭލެވެލް ފެންވަރަށް ކިޔެވޭނޭ ވަރަށް ބިނާކުރެވިފައެވެ. އަދި ނުއުފަންނަ ނަމަވެސް ދިވެހި ރާއްޖޭގައި އަމިއްލަ ޔުނިވާސިޓީއެއް ޤާއިމްކުރެވިގެންދާނޭ ކަމުގެ ފޮނިފޮނި ހުވަފެންވެސްވަނީ ދައްކައިފައެވެ.

ތަޢުލީމާ ތަރުބިއްޔަތު ފުޅާވެ ތަރަށްޤީވަމުން ދިޔަވަރަކަށް، ވަޒީފާގެ ފުރުޞަތުތައް ގިނަވެ އިތުރުވަމުން ދިޔައެވެ. ސެޓްފިކެޓަކާ ނުލާނޫނީ، މިސްކިތު ފާނޫޒަށް ތެޔޮނޭޅޭ ފެންވަރަށް ތަރައްޤީވިއެވެ. އޯލެވެލް ފާސްތަކާ، އޭލެވެލް ފާސްނެތި ސަރުކާރު ގޮނޑިއެއްގައި އިށިނުއިދެވޭ ފެންވަރަށް ދިވެހިންގެ މަސައްކަތުގެ ދާއިރާތަށް ފުޅާވެގެން ދިޔައެވެ. އެއްމެ ކުޑަމިނުން އެޑްވާންސް ސެޓްފިކެޓެއް ނެތީވިއްޔާ މީހަކަށް ނުވާ ދަރަޖައަށް ތަޢުލީމު މިވަނީ ފުޅާވެފައެވެ. ވޮށުފިލައާއި، އެދުރުގެއާ، ޙަތިމު ފަރިއޮޅާ އަދި ތަޢުލީމް ދިޔާނާ ފަދަ ފޮތްތައް މިވަނީ ދިވެހިންގެ ތަރިކަތަކެއްކަމުގައި ވެފައެވެ. ނޫނީ ހަމައެކަނި، އާދަކާދަތަކަކަށް ވެފައެވެ.


ދުވަސްތަކާ، މަސްތައް މާޒީއާ އެކަވަމުން ދިޔައެވެ. އެތަކެއް އަހަރުތަކެއް ދިވެހި ތަޢުލީމީ ހަޔާތުގައި ގުނެމުން ދިއައެވެ. އަހަރެއް އަހަރަކަށް ތަޢުލީމަށް ސަރުކާރުގެ ބަޖެޓުންކުރާ ޚަރަދުގެ މިންވަރު ބޮޑުވަމުން ދިއައެވެ. ތަޢުލީމަށް ކުރާ ހޭދަ، ނާސިރުގެ ޙަޔާތްޕުޅުންފެށިގެން، ބަޖެޓްގެ 10 އިންސައްތައިން 11 އިންސައްތައަށް ބޮޑުވެ، 12 އިންސައްތައިން 15 އިންސައްތައަށް މަތިވެ، 16 އިންސަތައިން 18 އިންސައްތައަށް އިތުރުވެގެންދިޔައެވެ. ތަޢުލީމާ މަތީ ތަޢުލީމީ ފުރުޞަތުތައް ދިވެހި ރައްޔިތުންނަށް ތަނަވަސްވަމުން ދިޔައެވެ. ވަޒީފާގެ ފުރުޞަތުތަކަށް ތަޢުލީމީ ހޭލުންތެރި ޒުވާނުން ވަންނަން ފެށިއެވެ. ތަޢުލީމަށް ހިއްޖެއްސުމަށް، އެކަމަށް މަގުތައް ފަހިކޮށްދެމުން ދިޔައެވެ.


ދިވެހި ދަރިންނަށް ދެވޭ ތަޢުލީމް ބޭނުންތެރިކަމާއެކު އެންމެ ފުރިހަމަކަމާއިއެކު ބޭނުންކުރުމުގެ މަޤުތަނަވަސް ކޮށްދިނުމަށް އެކިއެކި ގޮތްގޮތުން ސަރުކާރުން މަސައްކަތް ފެށިއެވެ. ފޮތްފަންސުރު ފަސޭހައިން ލިބޭނޭ މަގުތައް ތަނަވަސް ކޮށްދެމުން ދިޔައެވެ. ދަރިވަރުންނަށް އުނގަންނާ ދިނުމަށް ބޭނުންވާ މިންވަރަށް ރާއްޖެއިން އެކަށީގެންވާ ޓީޗަރުން ލިބެންނެތުމުން، ރާއްޖެއިން ބޭރުން، ޓީޗަރުން ގެންނަން ފެށުނެވެ. ރާއްޖެއިން ޓީޗަރުންނާ މުދައްރިސުން ތަމްރީނުކުރަން ފެށިއެވެ. ތަމްރީން ވުމުގެ ދޮރުތަށް ބަންދުވިޔަ ނުދިނުމަށް އެތައް ގޮތްގޮތަކުން މަސައްކަތް ކުރަމުން ދިޔައެވެ.


ތަމްރީނީ މަރުކަޒުތަކަށް، ބޭނުންވާ މިންވަރަށް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރަމުން ދިޔައެވެ. ބައެއް ކޯސްތައް ހިލޭ ކިޔަވާ ދެމުން ދިޔައެވެ. ދަސްކުރަންޖެހޭ ލިޔެކިޔުންތަކާ، ކިޔަވަންޖެހޭ ފޮތްތައް ހިލޭ ފޯރުކުރަމުން ދިޔައެވެ. އަނެއްބައި ކޯސްތަށް ކިޔަވަމުންދާ ދަރިވަރުންނަށް ޕޮކެޓްމަނީ އާއި، ޓިޔުޝަންފީ ސަރުކާރުން ފޯރުވަމުން ދިޔައެވެ. ކިޔަވާދޭ ތަންތަނަށް ބޭނުންވާ ޗޯކާ، މާކަރާ، އެހެނިހެން ސާމާނު މަދުނުވާނޭ މިންވަރަށް ފޯރުކޮށްދެމުން ދިޔައެވެ. ތަޢުލީމީ މުރައްބީންތަކެއް އުފެއްދުމުގެ ނިޔަތުގައެވެ. ދިވެހި ފަސްގަނޑުން އިލްމީ ދަރިންތަކެއް ނެރުމުގެ ބޭނުމުގައެވެ.

ދުވަހެއް ދުވަހަކަށް ތަޢުލީމީ ދޮރުތައް ފުޅާވެ، އެކިއެކި ފަލްސަފާތައްވެސް ދިވެހި ތަޢުލީމީ ދާއިރާގެ އިސްވެރިންނާ، ހިންގުންތެރިންނަށް ފެންނަމުންދިޔައެވެ. ވަށާޖެހޭ ތަޢުލީމުގެ މުޙިއްމުކަން އެނގި އޭގެ ބޭނުންކުރުވޭނޭ ގޮތްތައް ތަޢާރަފު ކުރަމުން ދިޔައެވެ. ބައެއް ސްކޫލް މަދަރުސާތައް ޕްރައިވެޓައިޒްކުރެވި، ރަނގަޅުތަޢުލީމެއް ދަރިވަރުންނަށް ލިބޭނޭ މަގުތަށް ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ.



ނަމަވެސް، ތަޢުލީމީ ދޮރުތައް ބަންދުވިޔަ ނުދޭށެވެ.

ކިޔަވާ ކުދިންނަށް އެކުދިންނަށް ކިޔަވާދޭ ޓީޗަރުންނަށް ބޭނުންވާނޭ ޗޯކާއި، މާކަރާ ފޮތް ފަންސޫރު ފަސޭހައިން ލިބޭނޭ ގޮތް ސަރުކާރުން ތަނަވަސް ކުރަންޖެހޭނެއެވެ.



ތަޢުލީމީ މަގުތައް އަލިކުރާށެވެ.

ދަރިވަރުން އެކުދިން ކުރިއަށް ދާން ބޭނުންވާ މަގުން ކުރިއަށް ދިޔުމަށް އެމަގު އަލިކޮށްދޭށެވެ. ކޮލެޖު ތަޢުލީމަށް ދަރިވަރުންނަށް ދެމުންދިޔަ އެލަވަންސް ތައް މިހާރުވަނީ ކަނޑާލާފައެވެ. ޖަލުގައި ހައްޔަރުކޮށްފައިވާ އެތައްހާސް ގައިދީންނަކަށް، ކޮންމެ ބޮލަކަށް ދުވާލަކަށް 1100 ރުފިޔާ ޚަރަދުކުރާއިރު، ކިޔަވާކުދިންނަށް މަހަކަށް 1100 ރުފިޔާ ޚަރަދުކުރުން ބޮޑުވަނީތޯއެވެ؟ ހިޔުމަން ރައިޓުސް ކޮމިޝަނާ، ޓޯޗް ޓް ވިކްޓިމްސް އެސޯސިއޭޝަނާ އެހެން އެސޯސިއޭޝަން ތަކުންވެސް ދައްކަނީ ކުށްވެރިންގެ ޙައްޤުތަކުގެ ވާހަކައެވެ. ކިޔަވާކުދިންގެ ޙައްޤުތައް ފަހެ ކޮބައިތޯއެވެ؟



ތަޢުލީމީ އިތުރު ފަހި މަގުތައް ކޮށާދޭށެވެ.

ހޭންޑް އައުޓްތަކަށް ފައިސާ ނުނަގާށެވެ. ހިލޭ ދެމުންދިޔަ ފޮތްތައް ހިލޭ ދޭށެވެ. ލޯނުވެސް ދޭށެވެ. އެކަމަކު އޭގައި އިންޓަރެސްޓެއް ނެތިއެވެ. އެއީ ރިބާކަމަށް ގިނަ ޢިލްމުވެރިން ބުނާތީއެވެ. އަޅުގަނޑު އޭގެ މަޢުލޫމާތު ހޯދުމަށް ގުޅާލި 5 އިލްމުވެރިންގެ ތެރެއިން އިލްޔާސް ޙުސައިންއާ، ފަރީދު އަދި ޑރ.ސައްތާރު ބުނުއްވަނީ އެއީ ކަނޑައެޅިގެން ރިބާކަމަށެވެ. އެއީ އުފެއްދުމަށް ނަގާ ދަރަންޏެއް ނޫންކަމުގައެވެ. ނަމަވެސް ޑރ. މަޖީދު އަދި ޑރ. އަފްރާޝީމް ވިދާޅުވީ ބައެއް ޢިލްމުވެރިން ބުނާގޮތުގައި މަޖުބޫރުވެ، އެއްވެސް ގޮތެއް ނެތިއްޔާ އެނެގުމަކުން މައްސަލައެއް ނެތްކަމުގައެވެ.



ސަރުކާރުން ތަޢުލީމަށް ކުރާ ހޭދަ ކުޑަވިޔަ ނުދޭށެވެ. ތަޢުލީމް އެއްފަރާތް ނުކުރާށެވެ.

ޕުރައިވެޓައިޒް ކުރުމަކުން މައްސަލައެއް ނެތެވެ. ތަޢުލީމް އިތުރަށް ފުރިހަމަވެގެން ހިނގާދާނެއެވެ. ތަޢުލީމީ އެފަދަ މަގުތަކަށް ފުރުޞަތުތައް ހުޅުވާށެވެ. ނަމަވެސް، ރައްޔިތުންގެ ޖީބަށް ބާރުބޮޑުވާ ގޮތްގޮތަށް ކަންތައްތައް ނުކުރާށެވެ. ސަރުކާރުން ތަޢުލީމަށް ކުރާހޭދަ ބޮޑުކުރާށެވެ. ކުޑަވިޔަނުދޭށެވެ. 18 އިންސައްތައިން 17 އިންސައްތައަށް ވެއްޓި މިއަހަރު 13 އިންސައްތައަށް ކުޑަވީއެވެ. ތަޢުލީމީ ފުރުޞަތުތައް ކުޑަވަނީއެވެ. ރައްޔިތުންނަށް ބާރުބޮޑުވަނީއެވެ. އިލްމީ ދޮރުތައް ބަންދުވަނީއެވެ. މިކަމާމެދު ފުންކޮށް ވިސްނާށެވެ. ދިވެހި ޤައުމުގެ ކުރިމަގަށްޓަކައެވެ. ދަރިންގެ ދަރިންނަށްޓަކައެވެ. އެހެންކަމުން އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން މިއަދު އަޅުގަނޑުމެން ހޭލާން ވެއްޖެއެވެ. އަޅުގަނޑުމެންގެ މުސްތަގުބަލައްޓަކައި އަދި ހާއްސަގޮތެއްގައި އަޅުގަނޑުމެންގެ ދަރިދަރިންގެ މުސްތަގުބަލައްޓަކައި ގަދައަޅާ މަސައްކަތްކުރަން ނިކުތުމަށް ރަށުގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. އެއީ ތަނެއްގައި ތައުލީމީ ބަޔަކު ނެތްތަނެއް ތަރައްގީވެ ކުރިއަރާ ނުދާނެތީއެވެ.

Tuesday, May 25, 2010

Monday, May 24, 2010

މަދު މީސްކޮޅެއް އުޅެމުންދާ މިކުޑަކުޑަ ރަށް މިއޮތީ ނަފްރަތާއި ރުޅިވެރިކަމުގެ ސަބަބުން ބައިބައިވެފައި

ރަށުގެ ހާލަތު މިއަދު މިވަނީ ބަދަލުވެފައެވެ. އެއްބަޔަކު އަނެއްބަޔަކާ ހިފި ވާދަވެރި ހިފުން ގަދަ ހިފުމަކަށްގޮސް އެންމެފަހުން ކޮންމެވެސް އެއްބަޔަކު މިވަނީ ކާމިޔާބު ކޮށްފައެވެ. އެހެންކަމަށްވާއިރު ކުރިންއޮތްޒާތީ ހަސަދަތަކުން ތިމާގެ ނަފްސު ޠާހިރުކޮށް ރަށުގެ ކުރިމަގާއިގެން ފަށާފައިވާ ދަތުރު މަޑުޖެހުމަކަށް އަޅުގަޑުމެން އެދިގެން ނުވާނެވެ. ނަމަވެސް މިފަދަ ވަގުތުތަކެއް އައިސްދާނެކަމަށް ބެލެވެމުންދާ ފަހަރު މިހާރު ވަރަށް ގިނައެވެ. އާއްމުންގެ ވިސްނުން މިއަދު ބަދަލުވެފައިވާއިރު ޚިޔާލާއި ފިކުރު މިއަދު ބަދަލުކުރަން މަޖްބޫރުވެއްޖެވެ. އެހެންކަމަށްވާއިރު އެވިސްނުން ބަދަލުކުރަން ޖެހެނީ ބަދަލުހިފުމުގެ ރޫހުގައި ދޮގުހަދައިގެން އެކަކު އަނެކަކުގެ ހިތުގައި ފިތުނައަށް މަގުހުޅުވައިގެނެއް ނޫނެވެ. މިނިވަންކަމަކީ ތިމާ ހިތަށް އެރިގޮތަކަށް އުޅެ ހިތަށް އެރިހާއެއްޗެއް ދުލުން ބޭރުކުރުމެއް ނޫނެވެ. މިގޮތަށް މިނިވަންކަމުގެ ބޭނުން ހިފާމީހާއަށް ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި ދެއްވާފައިވާ ނަމަކީ ހަވާނަފްސަށް ތަބާވާ މީހާގެ ނަމެވެ. އަދި ހަވާ ނަފްސަށް ތަބާވާ މީހާއަށްވުރެ ފުރެދުންތެރިކަންބޮޑު އެއްވެސް މީހަކު ނުވާނެކަމަށް ކީރިތިގުރުއާނުގައި އަންގަވާފައިވެއެވެ.

މިއަދު އަޅުގަޑުމެގެތެރޭގައި ތިމާމެންނަކީ ރަށުގެ “ދާދާއިން” ކަމަށް ހެދިގެން މީހުންގެ އަބުރާއިބެހުމާއި މީހުންނަށް ހުތުރުއެއްޗެހި ގޮވައި މީހުންގެ ގަދަރާއި ކަރާމާތް ގެއްލުވާލަން މަސައްކަތްކުރާބަޔަކު އެބަ އުޅެއެވެ. މިހުރިހާކަމެއް އެބަޔަކު ކުރަމުންދަނީ ލިބިފައިވާ މިނިވަންކަމާއި ލިބިފައިވާ ތަނަވަސްކަމުގެ ނާޖާއިޒް ބޭނުން ހިފައިގެންނެވެ. އަދި މިހުރިހާކަމެއް ކުރަނީ ރަށުގެ ކަންތައް އިސްލާހުކުރުމުގެ ނަމުގައި އަޅުގަޑުމެންގެ ތެރޭގައިވާ ނުވިސްނޭ އަދި އަމިއްލަ އެދުމުން ފުރިގެންވާ މީހުން ބޭނުންކޮށްގެންނެވެ. އެހެން ނަމަވެސް މިފަދަގޮތަކަށް ކަންތައްތައް ކުރުމަކީ އެއްވެސް އިންސާނަކު ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ.

މަކަރާއި ހީލަތްހެދުމާއި ދޮގުވާހަކަތައް ފަތުރައި ދޭތެރެ ޖެއްސުމަކީ މުޖުތަމައު ފަސާދަވެގެންދާނެ ކަމަށްކަށްވާއިރު، މިފަދަ ކަންތައްތަކަކީ ތިމާގެ އަގު އެހެންމީހުންގެ ކުރިމަތީގައި އަރައިގެންދާނެ ކަމެއްކަމަށް ބަލައިގެން ވަކިމީހެއްގެ އަގުވައްޓާލަން ކުރާ މަސައްކަތުން ތިމާމެންގެ ނަފްސުން ޠާހިރުކުރަން އެބަޖެހެއެވެ. އަދި އެފަދަ ކަންތައްތަކުން ދުރުވެ އެސުންޕާ އާދަ ހަރުލާފައިނުވާ ސާފު މުޖުތަމައަކަށް މި މުޖުތަމައުހެދުމަށް މިއަދު އަތުކުރިއޮޅާލަން ވެއްޖެވެ. ރަށުގެ ހުރިހާ އެންމެން އެއްގަލަކަށް އަރަންވެއެޖެއެވެ. ރަގަޅު ހަރުދަނާ ވެއްޓެއް ގާއިމު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާ އަކަށް ވާއިރު މިކަން ކުރަން ވަގުތު ކުޑަތަން ވެއްޖެއެވެ. އެއްބަޔަކު ރަށުގައި ކަމެއްކުރަން ނިކުންނަން އުޅޭއިރަށް އަނެއްބަޔަކު އެކަމަށް ނޫނެކޭ ބުނުމުގެ އާދަ ދޫކޮށްލަންވެއްޖެއެވެ. ރަށުގައި އެކުވެރި މާހައުލެއް އުފައްދަންވެއްޖެއެވެ. ސިޔާސީ ބޭނުމުގައި ދޮގުހެދުން ހުއްޓާލަން ވެއްޖެއެވެ. އަނެކާ ނެތްތަނެއްގައި އެމީހާގެ ވާހަކަ ދެއްކުން ނިމުމަކަށް ގެންނަން ވެއްޖެއެވެ.

މިއަދު މިނިވަންކަމުގެ ނަމުގައި ސާބިތުނުހިފޭ ދޮގުވާހަކަތަކެއް ދައްކައިގެން ބައެއްގެ ލޮލުގައި އަދުންތަކެއް އަޅުވައި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިކަން އުފެއްދި ދާނެއެވެ. އެހެންނަމަވެސް ހަދާން ބަހައްޓަންޖެހޭ ކަމަކީ ކުރާ ނުބައި އަމަލުތަކާއިމެދު މާތްﷲ ޣާފިލުވެ ވޮޑިގެން ނުވާކަމެވެ. މާތްﷲ މިދުނިޔެއަށް އިންސާނުން ފޮނުވާފައިވަނީ އެކަލާންގެ ޚަލީފާއިންގެގޮތުގައެވެ. އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ އުޅުމަށެވެ. އެހެންކަމުން އެފަދަކަމަކަށް ހުރަސްއެޅޭ ކޮންމެ ކަމަކުން ތިމާ ދުރުވާންޖެހެއެވެ. ނަމަވެސް މިއަދު މިމުޖުތަމައުގައި މިވަނީ ބަދަލު ހިފުމުގެ ރޫހު އާލާވެފައެވެ. ސިޔާސީ ބޭނުންތަކަށާއި އެހެނިހެންވެސް މާއްދީ ބޭނުންތަކަށް ނެތިމޮށުމާއި އެކަކުއަނެކަކަށް މަލާމާތުގެ ބަސްތައް ރައްދުކުރުމުގެ އިތުރުން އެއްވެސް ހަގީގަތެއްނުވާ ވާހަކަތަކުން މިމުޖުތަމައުގައި ފިތުނަފަސާދަ އުފައްދަން މަދުބަޔަކު ނަމަވެސް ކުރަމުންދާ މަސައްކަތް ވެގެންދަނީ އިންސާނިއްޔަތާއި ދެކޮޅަށް ހިންގޭ ބޮޑު “ޖަރީމާ” އަކަށެވެ

! ތިބާ ވިސްނާށޭ

އާ އަހަރެކެވެ. އާ މަސްތަކެކެވެ. އާ ދުވަސްތަކެކެވެ. އަދި ހަމައެހައިމެ އުއްމީދުތަކަކާއި އާ ޙަޔާތެކެވެ. ހިތްވަރާއެކު މަސައްކަތްކުރާ ކޮންމެ މީހަކީ ކާމިޔާބީއާ ހަމައަށް ވާޞިލުވާނެ މީހެކެވެ. ކާމިޔާބު ލިބޭނެ މީހެކެވެ. މިފެށުނު އާ ދުވަސްތަކާއި އަޅުގަނޑުމެން ކުރިމަތިލާންވީ ފޮނިފޮނި އުއްމީދަކާއެކުގަ އެވެ. އާ ޚިޔާލުތަކަކާ އެކުގަ އެވެ. އާ ވިސްނުންތެރިކަމަކާ އެކުގަ އެވެ. އާ އުއްމީދުތަކަކާ އެކުގަ އެވެ. ކާމިޔާބު ހޯދުމަށެވެ. ތިމާގެ މަންޒިލަށް ވާޞިލުވުމަށެވެ. ތިމާގެ އުއްމީދުތައް ހުވަފެނަކަށް ހެދުމަށެވެ. ފަސްމަންޒަރުން އިބްރަތް ޙާޞިލުކުރަމުންނެވެ.
އިންސާނީ ޙަޔާތުގެ ދުވަސްތަކާއި ކުރިމަތިލާން ޖެހެނީ ފިސާރި ކެރި ހުރެގެންނެވެ. އެންމެ ފުރަތަމަ ތުއްތުކުއްޖެއްގެ ގޮތުގަ އެވެ. އެއަށްފަހު ޒުވާން އުމުރެވެ. އެންމެ ފަހުން މުސްކުޅި އުމުރާ އެކުގަ އެވެ. ތެދެކެވެ. ތިމާގެ މަންޒިލަކީ އެންމެ މަންޒިލެކެވެ. ތިމާގެ މަޤްޞޫދަކީ އެންމެ މަޤްޞޫދެކެވެ. އާއެކެވެ. އުހަރަވީ
ޙަޔާތް ބާއްޖަވެރި ކުރުމެވެ. މިނިކަމެތި އިންސާނާ މިދުނިޔެއަށް ފޮނުއްވާފައިވަނީ އިމްތިޙާނެއް ހެދުމަށެވެ.
ވިސްނާލަމާތޯ އެވެ. މާތްރަސްކަލާނގެ މިދުނިޔޭގައި ކިތައް ކިތައް ފުރާނަ ލައްވާފައިވޭތޯއެވެ. ކިތައް މަޙްލޫޤުން ލައްވާފައިވޭތޯ އެވެ. އެ ފުރާނަތަކުގެ ތެރެއިން މިދުނިޔޭގައި ދެމިހުރީ ކިތައް ކިތައް މަޙްލޫޤުންތޯ އެވެ. ކިތައް ފުރާނަތޯއެވެ. އެފުރާނަތައް ފަހެ ކޮބައިބާވަ އެވެ. އެމަޙްލޫޤުންތައް ކޮބައިބާވަ އެވެ. އެފުރާނަތަކާއި އެ މަޙްލޫޤުންތައް ނެތި ދިޔައީ ކީއްވެބާވަ އެވެ. އާއެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަޙްލޫޤުންތައް ގެންދަންވީމާ ގެންދެއްވީ އެވެ. އެފުރާނަތަކުގެ " އަޖަލު " ހަމަވީމަ އެވެ. އިމްތިޙާނުގެ މުއްދަތު ހަމަވީމަ އެވެ. ދާއިމީ މަންޒިލަށެވެ. އުހުރަވީ ޙަޔާތަށެވެ. ދާއިމީ ގޮވައްޗަށެވެ.

ޙަޔާތުގެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކުރުމަށްވުރެ ފައިދާހުރި ރަގަޅު ގޮތުގައި ހޭދަކުރުމަށް ވިސްނުން ކިހިނެއްވާނެ ތޯ އެވެ. މާތްރަސްކަލާނގެ މިދުނިޔެއަށް ތިމާ ޚަލީފާވެރިއެއްގެ ގޮތުގައި ފޮނުއްވި ބޭނުން ފުރިހަމަ ކުރެވޭތޯ އެވެ. ނޫނެކެވެ. އެންމެ ކުޑަމިނުން އިބަރަސްކަލާނގެ ކިބަފުޅަށް ޒިކުރެއްތާ މިންވަރުވެސް ނުކުރެވެ އެވެ. ނަމާދު ޤާއިމެއް ނުކުރެވެ އެވެ. ރޯދަ އާއި ޒަކާތް އަދި ޙައްޖަކީ އިބަރަސްކަލާނގެ ތިމާއަށް ފަރުޟުކުރެއްވި ކަމެއްކަމެއްވެސް ނޭނގެއެވެ. މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮން ހިތުމަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމެއްވެސް ނޭނގެއެވެ. ތިމާގެ މައްޗަށް ލައްވާފައިވާ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަން ޖެހޭކަމެއްވެސް ހަނދުމައެއް ނެތެވެ.
ހިތަށް އެރިގޮތަކަށް ބިތައް ތެޅެމުން ދުނިޔޭގައި ތިމާ ދިރިއުޅޭއިރު ހެއްދެވި ފަރާތްމަތިން ހަނދުމަވޭބާވަ އެވެ. އާއެކެވެ. ނުވެއެވެ. ޙަރާމްކުރެއްވިހައި ކަންތައްތަކެއް ކުރުމުގައި ސާމިލުވަނީ އެވެ. ރާބޮނީއެވެ. ފަތްބޮނީއެވެ. ޒިނޭއާއި ޓެކްމާއި ފޭރުން ޢާންމުކުރަނީ އެވެ. ތިމާ ނުވަމަހާއި ނުވަދުވަސްވަންދެން އެމީހެންގެ ބަނޑުގައި އޮތް، މައިމީހާއަށް ބޭނުންހައި ކަމެއްކޮށް ހިތަށް އެރިހައި ގޮތެއް ހަދަނީ އެވެ. އެންމެ ފަހަރަކުވެސް ފަހެ ތިބާ ވިސްނާލީމުތޯއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ މިދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއަށް ތަބަޢަ ވުމަށެވެ. އެކަލާނގެ ފިޔަވައި އެހެން އެއްޗިއްސަން ފިދާ ނުވުމަށެވެ. ޒިކުރުކޮށް ފަސްވަގުތުނާޅާ ނަމާދު ޤާއިމުކުރުމަށެވެ. ކަނޑައެޅިފައިވާ ދުވަސްތަކުގައި ރޯދަ ހިފައި ތިމާގެ މުދަލުން އެހެންމީހުންނަށްވާ ޙައްޤުތައް އަހަރަކު އެއްފަހަރުނަމަވެސް އަދާކުރުމަށެވެ. އުމުރުން އެއްފަހަރުނަމަވެސް ޙައްޖުގެ މާތް ރުކުންތައް އަދާކުރުމަށެވެ. ތެދުވެރިއަކަށްވެ އަމާނާތްތެރިއަކަށް ވުމަށެވެ. ދޮގުހެދުމާއި މަކަރާއި ހީލަތްތެރިކަމުން އެކަހެރިވުމަށެވެ. އެކަލާނގެ އާއި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ތަޤްވާވެރިއަކަށް ވުމަށެވެ. ކުރެވޭ ކުށްތަކަށް ތަޢުބާވުމަށެވެ.
އާއެކެވެ. ތިމާގެ ޙަޔާތުގެ ޞަފްޙާތަކަށް މިފެށުނު އާ ދުވަސްތަކާއި ކުރިމަތިލާންވީ ތަޤްވާވެރިކަމާއެކުގަ އެވެ. ކެތްތެރިކަމާއެކުގަ އެވެ. އިންސާފާއެކުގަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވިފައިވާ ކުށްތަކަށް ތަޢުބާވާ ޙާލުގަ އެވެ. ތިމާގެ އުހުރަވީ ޙަޔާތް ބާއްޖަވެރި ކުރުމުގެ ނިޔަތުގަ އެވެ. ތިމާ ހެއްދެވި ފަރާތުން ކުރުމަށް އަމުރުކުރައްވާފައިވާ ކަންތައްތައް ކުރުމާގެންނެވެ. ގެއްލިއްޖެ ވަގުތަކީ އަލުން ލިބޭނެ ވަގުތެއް ނޫންކަން ދެނެހުރެއެވެ. ތިމާގެ ދުލުން ހެޔޮއެއްޗެއްނޫނީ ނުކިޔާނެކަމަށް އަޒުމުކަނޑައަޅައިގެންނެވެ. ނުގުޑާފަދަ އަޒުމަކާއި ހިތްވަރަކާ އެކުގަ އެވެ.